މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022ގެ އެންމެ ޝަރަފްވެރި މެޗު ކަމަށްވާ، ފައިނަލް މެޗްގެ ރެފްރީކަން ކުރާނީ ޕޮލޭންޑްގެ ތަޖްރިބާކާރު ރެފްރީ ސިމޯން މަރސިނިއަކް ކަމަށް ފީފާއިން ބުނެވިއެވެ.

އެންމެ ފަހުގެ ޖެމްޕިއަން ފްރާންސާ ދެކޮޅަށް އާޖެންޓީނާ ވާދަކުރާ މިއަހަރުގެ ފައިނަލް މެޗްގެ ރެފްރީއަކަށް މާރސިނިއަކް ހަމަޖެއްސިކަން ފީފާއިން ހާމަކުރީ ބުރާސްފަތި ދުވަހުއެވެ.

އުމުރުން 41 އަހަރުގެ މާރސިނިއަކް ވަނީ، މި ފަހަރުގެ ފުޓްބޯޅަ މުބާރާތުގައި މީގެ ކުރީންވެސް މި ދެޓީމު ކުޅުނު ދެމެޗެއްގައި ރެފްރީކަން ކޮށްފައެވެ. އެއީ، ގްރޫޕް ސްޓޭޖްގައި ޑެންމާކް އަތުން ފްރާންސް މޮޅުވި މެޗާއި ގަދަ 16ގައި އޮސްޓްރޭލިއާ އަތުން އާޖެންޓީނާ މޮޅުވި މެޗެވެ.

މާރސިނިއަކްގެ އެސިސްޓެންޓުންގެ ގޮތުގައި ތިބޭނީ، ޕޮލޭންޑްގެ ޕަވެލް ސޮކޮލްނިކީއާއި ތޯމަޒް ލިސްޓްކިއުވިޒެވެ.

މި ތިން އޮފިޝަލުންނަކީ މީގެ ކުރީން، 18 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕާއި ޔޫރޯ 2016ގައި ވެސް އެކުގައި ރެފްރީކަން ކޮށްފައިވާ ޓީމެކެވެ.