ސްޕޭންގެ ގައުމީ ޓީމުގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލައިލުމުގެ ޝަރަފް ހޯދި އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރ ސާޖިއޯ ބުސްކެޓްސް، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.

ބާސެލޯނާއަށްވެސް ކުޅެމުން އަންނަ ޢުމުރުން 34 އަހަރުގެ މިޑްފީލްޑަރ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބުނެފައި ވަނީ، "ގާތްގަނޑަކަށް 15 އަހަރު، އަދި 143 މެޗަށް ފަހު ގައުމީ ޓީމަށް އަލްވަދާއުކިޔާން ޖެހޭ ވަގުތު އަތުވެއްޖެކަން އިއުލާނު ކުރާ" ކަމަށެވެ.

ސްޕޭންގެ ގައުމީ ޓީމުގައި 2010 ވަނަ އަހަރު ވޯލްޑް ކަޕް ތަށި އުފުލައިލި ކުޅުންތެރީންގެ ތެރޭން، މިހާރު އެޓީމަށް ކުޅެމުންދާ ހަމައެކަނި ކުޅުންތެރިއަކީވެސް ބުސްކެޓްސްއެވެ. އޭނާ ވަނީ 2012 ވަނައަހަރު ޔޫރޯ ކާމިޔާބުކުރި ޓީމުގައިވެސް ހިމެނިފައެވެ.

މިހާރު ގަތަރުގައި ކުރިއަށް ދާ ވޯލްޑް ކަޕްގެ ގަދަ 16ގައި މޮރޮކޯއަތުން ޕެނަލްޓީން ބަލިވި ސްޕޭންޓީމުގެ ކެޕްޓަން ބުސްކެޓްސްއަށް ވުރެ ގިނައިން އެޓީމަށްކުޅުނު ކުޅުންތެރީންގެ ތެރޭގައި ހިމެނެނީ 167 މެޗު ކުޅުނު ގޯލްކީޕަރު އިކާ ކަސިޔަސް އާއި 180 މެޗު ކުޅުނު ސާޖިއޯ ރާމޯސްއެވެ.

ބުސްކެޓްސް ސްޕޭން ޓީމަށް އަލަށް ކުޅޭން ފެށީވެސް 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕްގައެވެ. އެއީ ސްޕޭންގެ ޓިކާ-ޓަކާ ޕާސިން ގޭމްސްގެ ރަންދުވަސްވަރެވެ.