ކްލަބް ތަކަށް އަމާޒުކޮށްގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ކުރިއަށް ގެންދާ ކްލަބް ވޯލްޑް ކަޕްގެ ކުރިއަށް އޮތް މުބާރާތް މޮރޮކޯގައި ބާއްވާ ގޮތަށް ފީފާއިން ހަމަޖައްސައިފިއެވެ.
ގަތަރުގައި ކުރިއަށްދާ ފީފާގެ ތެރޭން ނޫސްވެރީންނާ ބައްދަލުކުރައްވައި، ފީފާގެ ރައީސް ޖިއާން އިންފަންޓީނޯ ވިދާޅުވީ، ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް، 2023ގެ ފެބްރުއަރީ 1ން 11އަށް މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމާށެވެ. މީގެ ކުރީން 2013 އަދި 2014ގައިވެސް މިމުބާރާތް ބާއްވާފައިވަނީ މޮރޮކޯގައެވެ.
މިވަގުތު މި މުބާރާތުން ފުރުސަތު ދެނީ، ދުނިޔޭގެ 6 ބައްރުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންތަކަށް ނިސްބަތްވާ އެންމެ ފަހުގެ ޗެމްޕިއަން ކްލަބްތަކަށާއި، އަދި މުބާރާތް ބާއްވާ ގައުމުގެ ޗެމްޕިއަން ކްލަބާއެކު 7 ޓީމަށެވެ.
ނަމަވެސް، މި ފަހަރުގެ މުބާރާތަށް ފަހު، ފީފާއިން މިހާރު ވަނީ، 2025ގައި ބާއްވާ ކްލަބް ތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 32 ޓީމަށް ވާދަކުރެވޭ ގޮތަށް ބަދަލުކޮށް، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާގޮތަށް ނިންމައި އެކަން އިއުލާނުކޮށްފައެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާނީ ރެއާލް މެޑްރިޑް، ބްރެޒިލްގެ ފްލަމިންގޯ، ސައުދީގެ އަލް ހިލާލް، މޮރޮކޯގެ ވިދާދު ކަސަބްލަންކާ، އެމެރިކާގެ ސީޓްލް ސައުންޑަރސް، އަދި ނިއުޒިލޭންޑްގެ އޮކްލޭންޑް ސިޓީއެވެ.