ފީފާ ވޯލްޑް ކަޕް، ގަތަރު 2022 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ވާދަކޮށް، ލިއޮނަލް މެސީގެ އާޖެންޓީނާ ޓީމުން 36 އަހަރު ފަހުން މި މުބާރާތް ކާމިޔާބުކޮށްފިއެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ، ލިއޯ މެސީއަށް ފުޓްބޯޅައިގައި މިހާތަނަށް ނުލިބު އޮތް ހަމަ އެކަނި ޝަރަފަކީ، ވޯލްޑް ކަޕް ތަށި އުފުލައިލުމެވެ. ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް މެސީ މިވަނީ އެންމެ ފަހުން އެޝަރަފްވެސް ހޯދައިފައެވެ.
އަލް ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީޚްގައިވެސް ފެނިފައި ނުވާފަދަ، ނޭވާ ހިފަހައްޓައިލާން މަޖްބޫރުކުރުވި، އަދި ފުޓްބޯޅަ މެޗެއްގައި ފެންނާނޭ ހުރިހާ ޑްރާމާތަކެއް ފެނިގެން ދިޔަ މެޗެކެވެ. މެޗުގެ 23 ވަނަ މިނިޓްގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއަކުން، މެސީ އެޓީމަށް ނަގައިދިން ލީޑާއެކު 36 ވަނަ މިނިޓްގައި އަންހެލް ޑި މަރިއާ ޖަހައިދިން ހިތްގައިމު ލަނޑާއެކު، މެޗުގެ 80 ވަނަ މިނިޓާ ހަމައަށްވެސް އާޖެންޓީނާއިން ދިޔައީ ފުރިހަމަ ބާރާއެކު މެޗް ކޮންޓްރޯލް ކުރަމުންނެވެ. ނަމަވެސް، 80 ވަނަ މިނިޓްގައި ފްރާންސަށް ލިބުނު ޕެނަލްޓީން ކިލިއަން އެމްބަޕޭ ޖެހި ލަނޑަށް ފަހު މިނިޓެއް ނުވެ އުޅެނިކޮށް އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ފްރާންސަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، 2-2ގެ ނަތީޖާއަކުން އެއްވަރުވުމުން އިތުރަށް ކުޅުވި 30 މިނިޓްގެ ތެރޭން، މެޗުގެ 108 ވަނަ މިނިޓްގައި މެސީ ވަނީ އާޖެންޓީނާގެ 3 ވަނަ ލަނޑާއެކު 2 ވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް، 118 ވަނަ މިނިޓްގައި ފްރާންސަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް އެމްބާޕޭ ވަނީ ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދައިފައެވެ.
ޕެނަލްޓީގައި އާޖެންޓީނާ މޮޅުވީ، 4-2ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާޖެންޓީނާގެ ގޯލް ކީޕަރު އެމީ މާޓިނޭޒް ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި މެޗުގެ ތެރޭގައިވެސް ފްރާންސްގެ ނުރައްކާތެރި ހަމަލާތަކެއް އޭނާ ވަނީ ނާކާމިޔާބުކޮށްލައިފައެވެ.