ޤަތަރުގައި ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕް 2022ގައި ކުޅުނު ކުޅުންތެރީންގެ ތެރޭން، ޓްވިޓަރގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީކަމަށް ޓްވިޓަރއިން ބުނެފިއެވެ.
ޓްވިޓަރގެ ސީއީއޯ އީލަން މަސްކު، ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓްވިޓަރގައި އެ ކުޅުންތެރިއަކާ ބެހޭގޮތުން އެންމެ ގިނައިން ވާހަކަދެކެވިފައިވަނީ، މެސީއާ ބެހޭގޮތުންނެވެ.
މީގެ އިތުރުން، ވޯލްޑް ކަޕް ޓީމުތަކުގެ ތެރޭން އެންމެ ގިނައިން މެންޝަންކުރެވިފައިވާ ޓީމަކީ، އާޖެންޓީނާއެވެ. ދެން ބްރެޒިލެވެ. ދެން ފްރާންސް، ޕޯޗްގަލް އަދި ކްރޮއޭޝިއާއެވެ.
ޓްވިޓަރއަށް އެންމެ ބާރުބޮޑުވެގެން ދިޔަ މެޗަކީ، އާޖެންޓީނާ ފްރާންސް ވާދަކުރި ފައިނަލް މެޗެވެ. މި މުބާރާތުގައި ދުވަހެއްގެ މައްޗަށް އެންމެ ގިނަ ޓްވީޓް އެއްގައުމަކުން ފޮނުވާފައި ވަނީ، ބްރެޒިލުންނެވެ.
މިތަފާސް ހިސާބުތަކުގެ ތެރޭންވެސް، ޓްވިޓަރގައި އެންމެ ގިނަ ޓްވީޓް އެއްފަހަރާ ލިބިފައިވަނީ، ފްރާންސްގެ ލަނޑުތަކާ އެކުއެވެ. އެއީ ސިކުންތަކު ގާތްގަނޑަކަށް އެވްރެޖްކޮށް 24400 ޓްވީޓެވެ.