ރާއްޖޭގައި މިވަގުތު ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެއް ކުންފުނިކަމަށްވާ، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑްގެ ދިރާގު ޓީވީގެ ޚިދުމަތް ހުއްޓާލައި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް މުޅިން އަލަށް ހޯދި، އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން އަލުން އެ ޚިދުމަތް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ދިރާގުޓީވީ ޚިދުމަތާއި ގުޅޭގޮތުން މިއަހަރުގެ އޮކްޓޫބަރުމަހު ކޮށްފައިވާ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށައެޅީމެވެ. އަދި ޖަނަވަރީ 2022 ގައި އެމްބީސީއިން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް އެމްބީސީއިން ވަނީ ނިންމާފައި" ކަމަށެވެ.
"ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ. މިގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖަނަވަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." ޚިދުމަތް ހުއްޓާލުމުން ހިތާމަކުރާ ހާލު ކަސްޓަމަރުންގެ ކިބައިން މާފަށްއެދި ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ ޓީވީގެ ޚިދުމަތް ހޯދަމުން އަދި ކަސްޓަމަރުންނަށް ޚިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި ކުރި މަސައްކަތުގެ ތެރޭން، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއިއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއިއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް ލިބުމުގެ މަގުފަހިކޮށްދީފައިވެއެވެ.