ކުރީން ނަގަމުން އައި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށް ފަހު، ސަރުކާރުން ކުލަ ގަދަ ރަސްމިއްޔާތަކާއެކު 2023 ވަނަ އަހަރަށް މަރުހަބާކިޔައިފިއެވެ. 

އާ އަހަރަށް މަރުޙަބާކިޔާން ސަރުކާރުން ވަނީ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައި މިއުޒިކާއި، ހަވާއެރުވުމާއެކު ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިގްތިސާދީ ގޮތުން ދަތި ހާލަތެއްގައި ރައްޔިތުން ތިބި، ދުވަސްވަރެއްގައި ކުއްލިގޮތަކަށް ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރާން ނިންމީ، ދައުލަތުން މިހާރު ކުރަމުންގެންދާ ޚަރަދުތައް ބޮޑުވެ، ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެންނެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ މި ނިންމުމާ ގުޅިގެން އެމަނިކުފާނުގެ ޕާޓީ ތެރޭންނާއި އަދި ސިޔާސީ އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެމްޑީޕީ ސަރުކާރުގެ މި ނިންމުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއްބޭފުޅަކީ، އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު (އަންނި)އެވެ.