26 ޑިސެމްބަރު 2004ގައި، ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ބިރުވެރި ކާރިސާގައި، މ. ކޮޅުފުށިން ނިޔާވި ފަރާތްތަކުގެ ހަނދާނުގައި އެރަށުގައި ބިނާކޮށްފައިވާ، ސުނާމީ ބިނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާހުކޮށްދެއްވައިފިއެވެ.

މީގެ 18 އަހަރު ކުރިން، މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން އޭގެ ފަހުން ކޮންމެ އަހަރަކު ގައުމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ އޮތީ މ. ކޮޅުފުށީގައެވެ. ކޮޅުފުށީ ސުނާމީ ބިނާ ރައީސް އިފްތިތާހުކުރެއްވީ މި ޖަލްސާ ޝަރަފްވެރިކުރެއްވުމަށް އެރަށަށް ވަޑައިގެންނެވެ. 

ސުނާމީ ބިނާ ހުޅުވުމުގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވަނީ ، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި، ގެއްލުނު މީހުންގެ ހަނދާނުގައި  1 މިނެޓުގެ ސުކޫތެއް ގެނެސްފައެވެ.  

ސުނާމީގެ ބިރުވެރި ކާރިސާގައި  ކޮޅުފުށިން 10 މީހުން ނިޔާވެ 6 މީހުން ގެއްލިފައިވެއެވެ.