މާލޭ ދެކުނު ފަރާތުން، ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑިއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މިއަދު ފަތިހު 05:43 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ. އަދި 7:35 ކަންހާއިރު އަލިފާންގަނޑު ކޮންޓްރޯލްކުރި ކަމަށެވެ.

"މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައި. މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައި" އެމްއެންޑީއެފުން ބުންޏެވެ.

"މިހާދިސާ އާއި ގުޅިގެން ނީލަން ފިހާރައިގެ އުތުރުގައި މީހުން ދިރިއުޅުނު ލޭބަރ ކުއާޓަރގައި ރޯވި އަލިފާން ކޮންޓްރޯލްވުމުން، ފަޔަރމަނުން އެތަނަށްވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައެއް ނުވޭ"

އަލިފާން ނިއްވުމުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ބައިވެރިވިއެވެ.

ނީލަންފިހާރައަކީ، މީގެ ކުރީންވެސް އެތަކެއް ފަހަރު މިފަދަ ބޮޑެތި އަލިފާނުގެ ހާދިސާ ހިނގާފައިވާ ތަނެކެވެ.