ފީފާ ވޯލްޑް ކަޕް 2022 މިރޭ ގަތަރުގައި ފެށިގެން ގޮސްފައިވާއިރު، މުބާރާތަކުގައި ކުޅޭ ކުޅުންތެރީންގެ ނަންތައް ލިޔުމުގައާއި ކިޔުމުގައި ފަރުވާތެރިވެ، ނަންތައް ރަނގަޅަށް ބޭނުންކުރުމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގެ ރައީސްކަމުގައި އެންމެ ގިނަ ދުވަސް (30 އަހަރު) ހޭދަކުރެއްވި، މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ، " މިރޭ ފުޓްބޯލް ވާރލްޑް ފެށޭނެ. ހުރިހާ ފަރާތްތަކުންވެސް ކުޅޭ ޓީމް ތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރެއްވުން ވަރަށް މުހިންމު. މިސާލު: ބެންޒީމާ. ބެންޒެމާ އެއް ނޫން." ކަމަށް ވިދާޅުވެފައެވެ.

ފްރާންސްގެ ތަރި ކަރީމް ބެޒީމާގެ ނަން ރައީސް މައުމޫނު ފާހަގަކުރައްވާފައި މިވަނީ، އޭނާއަށް އަނިޔާވެ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ބެންޒީމާއަށް ގެއްލިފައިވާ ޚަބަރުތައް ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެނުނުއިރު، ތަފާތު ގޮތްގޮތަށް މިނަން ބޭނުންކޮށްފައި ވާތީ ކަމަށް ބެލެވެއެވެ.

ރައީސް މައުމޫނަކީ، މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ތަޢުލީމު ޙާސިލްކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ.