ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ކާރިޘާއަކީ އެމެރިކާ ޑޮލަރު ލިބުމުގައި ދިމާވެފައިވާ ތަދުމަޑުކަމާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާ މައްސަލައެވެ. ދިވެހިރާއްޖޭގެ ރަސްމީ އެކްސްޗޭންޖް ރޭޓަކީ އެމެރިކާ ޑޮލަރަކަށް 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އިންތިހާއަށް މައްޗަށް އުފުލިފައެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރާއި މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސަރުކާރުން ހާމަކުރި އިޞްލާޙީ ނިންމުންތައް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި ވަޒީރުންގެ މަޖިލީހުގެ އިސް ބޭފުޅުން ވަނީ ޑޮލަރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް ހާމަކުރައްވައިފައެވެ. މިގޮތުން، ރިސޯޓުތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ދާޚިލީ ބޭންކިންގ ނިޒާމަށް މާރުކުރަންޖެހޭ އިންސައްތަ 20 އިންސައްތައިން 40 އިންސައްތައަށް މަތިކުރުމަށާއި، ފައިސާ މާރުކުރަން ދޭ މުއްދަތު 3 މަސްދުވަހުން 1 މަސްދުވަހަށް ކުރުކުރުމަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެންނަން ވަނީ ނިންމާފައެވެ.
މީގެއިތުރުން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ޣައިރުޤާނޫނީ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރުގެ މުޢާމަލާތްކުރާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އަޅައި، މަނީ ލޯންޑަރިންގ އާއި ބޭރު ފައިސާގެ ޤާނޫނުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ރާއްޖޭގެ ދާޚިލީ އެންމެހައި މުޢާމަލާތްތަކާއި މުސާރަ ދިނުން ހަމައެކަނި ދިވެހި ރުފިޔާއަށް ބަދަލުކުރުމެވެ. މިއީ ހަމަ ޙަޤީޤަތުގައިވެސް މާކުރީންވެސް ކުރާން ޖެހޭކަމެކެވެ.
އެހެން ޤައުމުތަކުގައި މިފަދަ ކަންކަން ޙައްލުކުރަނީ ކިހިނެއް؟
ދުނިޔޭގެ އެހެނިހެން ތަރައްޤީވަމުންދާ ޤައުމުތަކުގައިވެސް ބޭރު ފައިސާގެ ތަދުމަޑުކަން ހައްލުކުރުމަށް "ޑީ-ޑޮލަރައިޒޭޝަން" ނުވަތަ އަމިއްލަ ޤައުމީ ފައިސާ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުތައް ބޭނުންކުރެއެވެ.
- ރީޕެޓްރިއޭޝަން ރޫލްސް: ބޭރު ޤައުމުތަކުން ހޯދާ އާމްދަނީ ޤައުމަށް އެތެރެކޮށް، ދާޚިލީ ބޭންކުތަކުގައި ބެހެއްޓުން މަޖުބޫރުކުރުން.
- ލީގަލް ޓެންޑަރ ފޯސްކުރުން: އެތެރޭގެ ވިޔަފާރިތަކާއި، ޓެކްސް އަދި ކުލީގެ މުޢާމަލާތްތައް ހަމައެކަނި ޤައުމީ ފައިސާއިން ކުރަންޖެހޭ ގޮތް ހެދުން.
- މެނޭޖްޑް ފްލޯޓިންގ ނިޒާމު: ފައިސާގެ އަގު މާރކެޓުގެ އޮއިވަރަށް ދޫކޮށްލުމާއެކު، މަރުކަޒީ ބޭންކުން ބޭނުންވާ ހާލަތްތަކުގައި މާރކެޓަށް ވަދެ ފައިސާގެ އަގު ހިފެހެއްޓުން.
ފިޔަވަޅުތައް ތަންފީޒު ނުކުރެވިއްޖެނަމަ ވާނީ ކިހިނެއް؟
މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ނުކުރެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ނުރައްކާތެރި އަސަރުތަކެއް ކުރާނޭކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެގޮތުން:
- ކަޅު ބާޒާރު އިތުރަށް ފުޅާވުން: ބޭންކިންގ ނިޒާމަށް ޑޮލަރު ވަނުން ހުއްޓި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަތްނުފޯރާ މިންވަރަށް އުފުލިގެންދާނޭކަމުގެ ބިރު ބޮޑެވެ.
- ތަކެތީގެ އަގު އުފުލުން (އިންފްލޭޝަން): ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށްވުމުން، ޑޮލަރުގެ އަގު ބޮޑުވުމާއެކު އާންމު ކާބޯތަކެއްޗާއި މުދަލުގެ އަގު އިންތިހާއަށް އުފުލޭނޭކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ކުރުމުއްދަތަށް ބަލާލި ނަމަވެސް މިކަން ވަރަށް ސާފުކޮށް ފެނެއެވެ.
- ރަސްމީ ރިޒަރވް ތިރިވުން: ދައުލަތުގެ ބޭރު ފައިސާގެ ރިޒަރވް ހުސްވެ، ތެލާއި ބޭސް ފަދަ އަސާސީ ތަކެތި އެތެރެކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ. މިކަން މިއަދުވެސް މިދަނީ އަހަރެމެން ތަޙައްމަލު ކުރަމުންނެވެ. އެހެންކަމުން މޫނަށް ކަނދުރާއަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ފިޔަވަޅުތައް ތަންފީޒުކުރާން ޖެހެއެވެ.
ސަރުކާރުގެ އިޚްލާޞްތެރިކަން އަދި ޢާންމުން ދެކޭ ގޮތް
ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ވަކި މީހަކަށް ނުވަތަ ވަކި ވިޔަފާރިއަކަށް ބެލުމެއް ނެތި އިންސާފުވެރިކަމާއެކު ޤާނޫނު ތަންފީޒުކުރުމުގެ އިޚްލާޞްތެރިކަން ހުރުން ނުހަނު މުހިންމެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން ވަނީ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރިސޯޓުތަކުގެ ދަރަނި ދެއްކުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، ޢާންމު ރައްޔިތުން މިކަމާ މެދު ދެކޭގޮތް ވަރަށް ބޮޑަށް ތަފާތެވެ. އެއީ ސަރުކާރުންނާއި އަދި އެނޫންވެސް މަސްދަރުތަކުން މިކަމާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތަށް ބަލާއިރު، ބޭރުފައިސާ ކަޅުބާޒާރަށް ނެރުމުގައި، ބޭރުފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ދައުރު އިންތިހާއަށް ބޮޑުކަމުގެ ތުހުމަތުތަކާވެސް އެކުއެވެ.
ޢާންމުން ދެކޭ ގޮތުގައި، ކަޅު ބާޒާރުގެ ނުފޫޒު ކުޑަކޮށް، ބޭންކުތަކުން ރަސްމީ އަގުގައި ޑޮލަރު ލިބޭނެ ގޮތް ހެދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ނަމަވެސް، ވިޔަފާރިތަކަށް ނުކުޅެދޭވަރުގެ ބުރައެއް ޖެއްސުމުގެ ބަދަލުގައި، ސަރުކާރުން އިޚްލާޞްތެރިކަމާއެކު މަޝްވަރާކޮށްގެން ފިޔަވަޅުތައް އަޅަންޖެހޭކަމަށް ވެސް ޢާންމުން ދެކެއެވެ.
މާލީ ތަޖުރިބާކާރުން ދެކޭ ގޮތާއި ދިވެހި ރުފިޔާ ބާރުވެރިކުރުން
މާލީ އަދި އިޤްތިޞާދީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ހަމައެކަނި އެކުލަވައިލާ ޤަވާޢިދުތަކަކުން ޑޮލަރުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ނުލިބޭނެއެވެ. ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބާރުވެރިކުރުމަށްޓަކައި ދައުލަތުގެ މާލީ އަދި މަނިޓަރީ ސިޔާސަތުތައް އެކުގައި މަސައްކަތްކުރަންޖެހެއެވެ.
އެގޮތުން އިޤްތިޞާދީ މާހިރުން ފާހަގަކުރާގޮތުގައި ދިވެހި ފައިސާ ބާރުވެރިކުރެވޭނީ:
- ދައުލަތުގެ ޚަރަދުތައް ކުޑަކުރުން: ދައުލަތުގެ ބަޖެޓު ދެކޮޅުޖެއްސުމާއި، މާކެޓަށް އިތުރަށް ރުފިޔާ ނެރުން (ފައިސާ ޗާޕުކުރުން) ހުއްޓާލުން.
- ރިޒަރވް ވަރުގަދަކުރުން: މަރުކަޒީ ބޭންކުގެ ރަސްމީ ބޭރު ފައިސާގެ ރިޒަރވް އިތުރުކޮށް، މަދުވެގެން 3 މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރަށް ޑޮލަރު ބެހެއްޓުން.
- އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުން: ރާއްޖެއަށް އެތެރެކުރާ މުދަލަށް ކުރާ ޑޮލަރުގެ ޚަރަދު ކުޑަކުރުމަށްޓަކައި، އުފެއްދުންތެރިކަން އިތުރުކުރުން.
އެމްއެމްއޭގެ ދުރު ރާސްތާގެ އަމާޒަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް ވަރުގަދަކުރުމަށްފަހު، "މެނޭޖްޑް ފްލޯޓިންގ" އެކްސްޗޭންޖް ރޭޓު ނިޒާމަކަށް ބަދަލުވުމެވެ. މި ބަދަލުތަކާއެކު ދިވެހި ރުފިޔާއަށް އޮތް ތަރުޙީބު ބޮޑުވެ، ކަޅު ބާޒާރުގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. ނަމަވެސް މިއީ، ތަންފީޒުކުރާ ހުރިހާ ފަރާތްތަކެއްގެ އިޙްލާސްތެރިކަން މިކަމުގައި 100 އިންސައްތަ ނެރެގެން ނޫނީ ޙާޞިލްކުރެވޭނޭ ކަންކަމެއް ނޫނެވެ.