ރާއްޖޭގެ އިޤްތިސާދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށާއި، ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށާއި، އެއީ ސީޔާސީގޮތުން، ސަރުކާރު ބަލިކަށި ކޮށްލުމަށް އެކިފަރާތްތަކުން ދައްކާ ވާހަކައެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް ޢަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޢަމީރު ކުރެއްވި ޓްވީޓެއްގައި ވަނީ، "އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި. ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަޅުގަނޑުމެން މިދަނީ އެ ގޮންޖެހުންތައް ގިރާކުރަމުން. ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުަމަށްޓަކައި ސަރުކާރުން މިދަނީ ފިޔަވަޅުތައް އަޅަމުން." ކަމަށެވެ.
އަމީރު އިތުރަށް ވިދާޅުވީ، މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށެވެ.
މިނިސްޓަރުގެ މިވާހަކަފުޅަށް ރައްދުދޭ ގިނަ ބަޔަކު ބުނަމުން ދަނީ، ޢަމީރަށް ފެންނަ ފެނުމުގައި އިގްތިސާދާއި ކުރިމަގު ފަހިކޮށް އޮތްނަމަވެސް ރައްޔިތުންނަށް އެކަން ނުފެންނަތާ އިޙްސާސްވެސް ނުކުރެވޭ ކަމަށެވެ. އަދި ކަންމަތީ ފިހާރައިން ލިބޭ މުދަލުގެ އަގު ވޭތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ދެގުނަ އުފުލިއްޖެ ކަމަށާއި، ދިވެހީން ދެވަނައަށް އެންމެ ގިނައިން ބޭނުންކުރާ ފައިސާ (އެމެރިކާ ޑޮލަރު)ގެ އަގު 15.42އިން 17-19 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންގެ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށެވެ.