ދޯހާގެ އައް ތުމާމާ ސްޓޭޑިއަމްގައި މިރޭ، ސެނެގާލްއާ ދެކޮޅަށް ނެދަލޭންޑްސް ކުޅުނު ގްރޫޕް "އޭ"ގެ ދެވަނަ މެޗުގެ ފަހު ހާފްގައި ފެނިގެން ދިޔަ 2 ލަނޑާއެކު 2-0ގެ ނަތީޖާއަކުން ނެދަލޭންޑްސް މޮޅުވެއްޖެއެވެ.

ދުނިޔޭގެ ރޭންކިންގެ 8 ވަނައިގައި މިވަގުތު އޮތް ނެދަލޭންޑްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ، މެޗުގެ 84 ވަނަ މިނިޓްގައި ކޮޑީ ގެކްޕޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ، ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ޑޭވީ ކްލާސަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 9 މިނިޓްގެ ފަހު ވަގުތުއެވެ.

މެޗުގައި ސެނެގާލްއިން ވެސް ރަނގަޅު ކުޅުމެއްދެއްކިއެވެ. ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވީއެވެ.

މި ނަތީޖާއާއެކު، މިވަގުތު ގްރޫޕް "އޭ"ގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ ނެދަލޭންޑްސްއެވެ. އަދި 3 ޕޮއިންޓާއެކު ދެވަނައިގައި އީކުއެޑޯ އޮތްއިރު، ގްރޫޕްގެ ފުލުގައި އޮތީ ގަތަރެވެ.