ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "ސީ"ގެ 4 ވަނަ މެޗުގައި މެކްސިކޯ އަތުން 2-0އިން މޮޅުވެ، އާޖެންޓީނާއިން ދެވަނަ ބުރަށް ދިއުމަށްޓަކައި އަމިއްލަ ބާރު ހޯދައިފިއެވެ. މިމެޗުން ބަލިވި ނަމަ އާޖެންޓީނާ މުބާރާތުން ކަޓާނެއެވެ. އެޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ.

ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ނަމަވެސް، ފުރަތަމަ މެޗުން ބަލިވި އާޖެންޓީނާއިން ވަނީ ދެވަނަ ހާފުގައި އިތުރަށް ކުޅުން ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 64 ވަނަ މިނިޓްގައި ލިއޮނަލް މެސީއެވެ.

މެޗުގެ 87 ވަނަ މިނިޓްގައި އާޖެންޓީނާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އެންޒޯ ފެނާންޑޭޒެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވެގެން ގޮސްފައި ވަނީ، މެސީއަށް ފަހު އާޖެންޓީނާއަށް ވޯލްޑް ކަޕް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ ވަނީ 3 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނައަށް ޖެހިލައިފައެވެ. އަދި، 4 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޕޮލެންޑެވެ. 3 ޕޮއިންޓާއެކު ސައޫދީ ތިން ވަނައިގައި އޮތްއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ގްރޫޕްގެ 4 ޓީމަށްވެސް އެބަ އޮތެވެ. ފަހު މެޗުގައި އާޖެންޓީނާ ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. ސަޢޫދީ ނުކުންނާނީ ގްރޫޕުގެ ފުލުގައި އޮތް މެކްސިކޯއާ ދެކޮޅަށެވެ.