ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "އީ"ގެ 4 ވަނަ މެޗުގައި ސްޕޭނާ ޖަރުމަނު ވާދަކުރި މެޗު 1-1އިން އެއްވަރުވެ، އެގްރޫޕްގައި ހިމެނޭ ހަތަރު ޓީމަށްވެސް ދެވަނަ ބުރުގެ ފުރުސަތު ހުޅުވިއްޖެއެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ނުޖެހުނު ނަމަވެސް، މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ސްޕޭނުން ވަނީ، ޖަރުމަނުގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި ޖަރުމަނުންވެސް ސްޕޭނުގެ ގޯލަށް ނުރައްކާކުރިއެވެ.
މެޗުގައި ސްޕޭނުން ލީޑު ނެގީ 62 ވަނަ މިނިޓްގައެވެ. އަލްވާރޯ މޮރާޓާގެ ހިތްގައިމު ލަނޑާއެކު ސްޕޭނުން މެޗުގެ ލީޑު ނެގުމާއެކު ޖަރުމަނުގެ ކުޅުން ވަރުގަދަކޮށް، އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، 83 ވަނަ މިނިޓްގައި ނިކްލަސް ފޫލްކްރަގެވެ.
މި ނަތީޖާއާއެކު، ޕޮއިންޓަކާއެކު، ގްރޫޕްގެ ފުލުގައި ޖަރުމަނު އޮތް ނަމަވެސް، ގްރޫޕްގެ ފަހު މެޗުގައި ކޮސްޓަރީކާ އަތުން މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އެބަ އޮތެވެ. އަދި ގްރޫޕްގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އޮތް ސްޕޭން ޖެހޭނީ ފަހު މެޗުގައި، 3 ޕޮއިންޓާއެކު 2 ވަނައިގައި އޮތް ޖަޕާނާ ވާދަކުރާށެވެ. ކޮސްޓަރީކާ އޮތީ 3 ޕޮއިންޓާއެކު ދެވަނައިގައެވެ. މިގްރޫޕްގެ ފަހު މެޗުތައް ކުޅޭނީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ.