ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "އެޗް"ގެ 4 ވަނަ މެޗުގައި އުރުގުއޭ އަތުން 2-0އިން މޮޅުވެ، ޕޯޗުގީޒުން މި މުބާރާތުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ލުސައިލް އަކޮނިކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި ޕޯޗްގީޒުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް، ބޮޑަށް ގޯލަށް ނުރައްކާކުރީ އުރުގުއޭ ޓީމުންނެވެ. މެޗުގެ ފުރަތަމަ ލަނޑު، ޕޯޗުގީޒުން ޖެހީ ދެވަނަ ހާފްގެ 54 ވަނަ މިނިޓްގައެވެ. ބުރޫނޯ ފެނާންޑޭޒް ޕެނަލްޓީއޭރިޔާގެ އަރިމަތީން ހުރަސްކޮލިބޯޅަ ގޯލްތެރެއަށް ފޮނުވާލަން ކްރިސްޓިއާނޯ ރޮނާލްޑޯވެސް މަސައްކަތްކުރިއެވެ. އަދި ފުރަތަމަ ހީކުރެވުނީވެސް ބޯޅަ ގޯލްތެރެއަށް ވަނީ، ރޮނާލްޑޯ ބޮލުގައި ޖެހިފައިކަމަށެވެ. ނަމަވެސް، ފަހުން މެޗުގެ އޮފިޝަލުން ނިންމާފައިވަނީ، ފެނާންޑޭޒް ފޮނުވާލި އެ ބޯޅަ ރޮނާލްޑޯގެ ބޮލުގައި ނުޖެހި ގޯލަށް ވަނީކަމަށެވެ.

މެޗުގައި ފެނާންޑޭޒްގެ ދެވަނަ ލަނޑަކީ، އޭނާ ހޯދި ޕެނަލްޓީއަކުން 90+3ވަނަ މިނިޓްގައި ޖެހި ލަނޑެކެވެ. މި މެޗުގައި ހެޓްރިކެއް ހެދުމަށް މަސައްކަތްކުރަމުން ދިޔަ ފެނާންޑެޒް ފަހުހާފުގެ އިތުރު ވަގުތުގައި ނުރައްކާތެރި ދެ ހަމަލާއެއް އުރުގުއޭގެ ގޯލަށް އަމާޒުކުރިއެވެ.

މި ނަތީޖާއާއެކު، ޕޯޗުގީޒުންނަށް ދެވަނަ ބުރު ކަށަވަރުވެފައިވާއިރު، ދެވަނަބުރަށްދާން، އުރުގުއޭއަށް ޖެހޭނީ ގްރޫޕް ސްޓޭޖްގައި އެޓީމުކުޅޭ ފަހު މެޗުގައި ގާނާ ބަލިކުރާށެވެ. ސައުތުކޮރެއާއަށް ވެސް ޕޯޗްގަލް ބަލިކޮށްގެން ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް، ދެވަނަ ޓީމެއް ކަށަވަރުވާނީ ފަހު މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.