ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "އީ"ގައި، ކޮސްޓާރިކާ އަތުން 4-2 ލަނޑުން މޮޅުވި ނަމަވެސް، ދުނިޔޭގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު މިފަހަރުވެސް ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.

އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މުޅިމެޗުގައިވެސް ޖަރުމަނަށް ދިޔައީ ނޭވާ ހިފަހައްޓާލައިގެން ތިބޭންޖެހޭފަދަ ވަގުތުތަކެވެ. 10 ވަނަ މިނިޓްގައި އެޓީމަށް ގްނެބްރީ ނަގައިދިން ލީޑާއެކު ދެވަނަ ހާފް ކުޅެމުން ދަނިކޮށް، ކޮސްޓަރިކާއިން 58 ވަނަ މިނިޓްގައި ޓެޖޭޑާ ޖެހި ލަނޑާއެކު އެއްވަރުކޮށް، 70 ވަނަ މިނިޓްގައި ނޯޔާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ކޮސްޓަރީކާ ކޮޅަށް މެޗު އެނބުރުނެވެ. އަދި އެވަގުތު ޖަޕާނާ ސްޕެއިން މެޗުގެ ނަތީޖާއާއެކު ކޮސްޓަރީކާ ގްރޫޕްގެ ދެވަނައަށް ޖެހިލައި، ޖަރުމަނާއި ސްޕޭން 3 އަދި 4 ކަށްވެސް ވެއްޓުނެވެ. ނަމަވެސް، 73، އަދި 85 ވަނަ މިނިޓްގައި ހަވާޓްޒް ޖެހި ދެލަނޑާއެކު އަނެއްކާވެސް ޖަރުމަނު ކޮޅަށް ނަތީޖާ ބަދަލުވެ، 89 ވަނަ މިނިޓްގައި ފޫލްކުރަގް ޖެހި ލަނޑާއެކު 4-2އަށް ނަތީޖާ ބަދަލުވިއެވެ. އެހެން ނަމަވެސް، ސްޕެއިނަށް ޖަޕާނު ބަލިނުކުރެވުމުގެ ނަތީޖާއަކަށްވީ، ޕޮއިންޓުގެ ގޮތުން ޖަރުމަނާ ސްޕޭން އެއްވަރުވެ، ލަނޑުގެ ތަފާތުން ދެވަނަ ޓީމުގެ ގޮތުގައި ސްޕޭނަށް ޖާގަ ލިބުމެވެ.