ފީފާ ވޯލްޑް ކަޕް 2022ގެ ގްރޫޕް "ޖީ"ގައި، ކެމަރޫން ކުޅުނު ފަހު މެޗުގައި ވަރުގަދަ ބްރެލް އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެ، ކެމަރޫން މި މުބާރާތަށް އަލްވަދާއުކިޔައިފިއެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗަށް ބްރެޒިލުން ނުކުތީ އެޓީމުގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކަކާއެކުއެވެ. ގިނަ ހަމަލާތަކެއް އުފައްދާން މަސައްކަތްކުރި ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، ބްރެޒިލަށް ކެމަރޫންގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ، އިތުރު ވަގުތުގެ 90+3 ވަނަ މިނިޓްގައި ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކުރު ޖަހައިދިން ލަނޑާއެކު ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބުރެޒިލުން ބަލިގަބޫލުކުރާން ޖެހުމެވެ.

ލަނޑު ޖެހުމަށް ފަހު، ކެމަރޫންގެ ކެޕްޓަން އުފާފާޅުކުރާން ޓީޝާޓް ބޭލުމުން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު، ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މި މެޗުގެ ނަތީޖާއާއެކު، ބަލިވި ނަމަވެސް ބްރެޒިލް ވަނީ 6 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދިޔަ އަނެއް ޓީމަކީ ސާބިއާ އަތުން 3-2އިން މޮޅުވި ސްވިޓްޒަލޭންޑެވެ.

ދެވަނަ ބުރުގައި ބްރެޒިލް ވާދަކުރާނީ ދެކުނު ކޮރެއާއާއެވެ. ސްވިޓްޒަލޭންޑް ވާދަކުރާނީ ޕޯޗްގަލްއާއެވެ.