ފީފާ ވޯލްޑް ކަޕް 2022ގެ ކުއާޓަރ ފައިނަލްސްގެ ދެވަނަ މެޗުގައި ވާދަވެރި ނެދަލޭންޑްސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ އާޖެންޓީނާ، މި މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އާޖެންޓީނާ މި މެޗު ކާމިޔާބުކުރީ (2-2) 4-3ގެ ނަތީޖާއަކުންނެވެ.

ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާޖެންޓީނާއެވެ. ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން 35 ވަނަ މިނިޓްގައި އާޖެންޓީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ނެހުއެލް މޮލީނާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު  ޕެނަލްޓީއަކުން 73 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެސީއެވެ.

އާޖެންޓީނާ 2 ލަނޑުގެ ލީޑެއްގައި އޮއްވައި، ފަހު ހާފްގައި ކުޅެންއެރި ވޯޓް ވެގްހޯސްޓް ޖެހި ދެލަނޑާއެކު ('83، '90+11) ނެދަލޭންޑްސް ފަހަތުން އަރައި ހަމަކުރިއެވެ. ފަހު ލަނޑު އޭނާ ކާމިޔާބުކުރީ އިތުރުވަގުތުގެ ފަހު ސިކުންތުކޮޅުތެރޭގައެވެ.

މި ނަތީޖާއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަކޮށް، އިތުރު 30 މިނިޓް ކުޅެގެންވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި، އާޖެންޓީނާގެ ގޯލްކީޕަރު އެމީ މާޓިނޭޒް ވަނީ، ނެދަލޭންޑްސްގެ ފުރަތަމަ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

ސެމީގައި އާޖެންޓީނާ ވާދަކުރާން ޖެހޭނީ، ޕެނަލްޓީ ޖަހައިގެން ބްރެޒިލް ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ކްރޮއޭޝިއާއާ ދެކޮޅަށެވެ.