ކުރީގެ މިނިސްޓަރ ފޮރ ޖެންޑަރ ފެމިލީއެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްގެ ބަހުގެ ހަމަލާއެއް، ސަރުކާރަށާއި މަޖިލީހަށް ފޮނުވާލައިފިއެވެ.
ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، މި ދެދުވަހެއްގެ ތެރޭގައި ރާއްޖޭގައި ހިނގައިދިޔަ ގެވެށި އަނިޔާއާ ޖިންސީގޯނާގެ ދެ މައްސަލައެއް ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ވިދާޅުވީ، މި އީ މިހާރުން މިހާރަށް ހައްލުވާންޖެހޭ ކަންކަން ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް އަދި ކަންބޮޑުވުމެއްވެސް ފެނިގެން ނުދާތީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށާއި، ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވި ދަނޑިވަޅެއްގައި، ޖެންޑާ މިނިސްޓްރީން ފިޔަވަޅު ނޭޅުމާއި، އެނޫންވެސް ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އޭރު އިތުރުވެފައިވަނީ މިނިސްޓްރީގެ އިހުމާލުންކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި އޭރު ސަރުކާރާއި އަދި އެމްޑީޕީ ތަމްސީލުކުރާ ގިނަ މެންބަރުންތަކެއް، އޭނާ އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހިދާނޭކަމަށް ބުނެ އިންޒާރުވެސް ދީފައި ވަނިކޮށެވެ.
"ދެ ދުވަސް ތެރޭ އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލުމައި ތުއްތު ކުއްޖެއްގެ ޖިންސީ އަނިޔާގެ މައްސަލަ. ޖެންޑަރ މިނިސްޓަރކަމުގައި ކޮންމެ މީހަކު ހުއްޓަސް، މައްސަލައަކީ މިހާރުން މިހާރަށް ޙައްލުވާން ޖެހޭ މައްސަލައެއް. ހިތާމައަކީ މިއަދު މިކަންކަން މަޖިލީހުގެ ކަންބޮޑުވުމަކަށް ނުވާކަން،"
އޭރު އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި، އަދި ސަރުކާރާއެކު އަދާލަތު ޕާޓީވެސް ދޫކުރައްވައި، މިހާރު މޯލްޑިވްސް ނޭޝަނަލް ޕާޓީގައި މަސައްކަތްކުރައްވާ ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާގެ އިތުރުންވެސް، ސިޔާސީ އެކި ފަރާތްތަކާއި އަދި އާންމުންވެސް ދަނީ، މިނިސްޓަރު ބަދަލުވިޔަސް، ވުޒާރާގެ އިޙްމާލުތައް ރަނގަޅު ނުކުރެވޭ ކަމަށާއި އަދި މިހާރު އެކަން ފެންނަ، އަދި ދަންނަ ބަޔަކުވެސް ސަރުކާރުގެ ތެރޭގައިވެސް، އަދި މަޖިލީހުގައިވެސް އުޅޭކަމާމެދު ޝައްކުވާ މޭރުމުން ވާހަކަ ދައްކައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.