ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވޯލްޑް ކަޕްގެ ސެމީގެ މެޗެއް ބައްލަވައިލެއްވުމަށް ޤަތަރަށް ފުރާވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި މިއަދު ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވާ ކަމަށާއި، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މިދަތިތައް ދާދިއަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ މިރޭ ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް، ޤަޠަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް އެގައުމަށް ވަޑައިގެންފައެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 2022 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުއެވެ.