ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަކީ ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ޤައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ކުރިއަށްދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީ.ބީ.އެން) ފޯރަމް އިފުތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް، އުފެއްދުންތެރިކަމަށް ބަދަލުކުރެވޭނެކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ (އެމް.އެސް.އެމް.އީ) ސަރުކާރުތަކަށް ޙައްލުކުރަން އުނދަގޫވާ މައްސަލަތަކަށް ޢަމަލީ ޙައްލު ހޯދައިދޭ، އިޤުތިޞާދީ އިންޖީނުތައް ކަމުގައި ސިފަކުރެއްވިއެވެ. އަދި "މޯލްޑިވްސް 2.0" އެޖެންޑާގެ ދަށުން، ޖޯގުރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް ސުމޭކު (ޑިޖިޓަލް) ފަންނިއްޔާތުގެ ބޭނުން ރާއްޖޭގައި ހިފަމުންދާކަން ހާމަކުރެއްވިއެވެ.

މީގެއިތުރުން، ޒުވާން ވިޔަފާރިވެރިންނަށާއި އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ގެނެވުނު ބަދަލުތަކާއި، 2027 ގައި ޤާއިމުކުރެވޭ ޓްރޭޑް އެކްސެލެރޭޝަން ޒޯނާއި، ލޮޖިސްޓިކްސް އަދި ފްލޯޓިންގ ސޯލާ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ޖަޒީރާ ޤައުމުތަކުގެ އީޖާދީ ޚިޔާލުތައް ވިޔަފާރިތަކާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައަކަށް ޖީ.ބީ.އެން ހެދުމަށް ޔޫ.އެން އޮފިސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ސްޓޭޓްސް އަށް ގޮވާލައްވާފައެވެ.