ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ"ގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.
އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބުގެ އިތުރުން، ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައި ޚިދުމަތް ކުރައްވާފައިވާ، ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. މީގެ އިތުރުން، އެކަމަނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައިވެސް މަސައްކަތްޕުޅު ކުރައްވާފައެވެ.
ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޢާޒިމާ ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލްކުރައްވާފައެވެ. އެކަމަނާއަކީ 2004 ވަނަ އަހަރުގެ އިޞްލާޙީ އެޖެންޑާ ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭކަނބަލެކެވެ.
އަދި "ހޯޕް ފޮރ ވިމެން" އާއި "ފާލަން" ޖަމުޢިއްޔާގެ ކޯ-ފައުންޑަރެއްގެ ގޮތުގައި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރެއްވުމުގެ އިތުރުން، ގެވެށި އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ޤާނޫނީ ލަފާދެއްވަމުން ގެންދަވައެވެ.