އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން، ހަމަލާތަކުން ރައްކާތެރިވުމަށް އީރާނަށް ނިއުކްލިއަރ ހަތިޔާރު ކޮންމެހެންވެސް ބޭނުންވާކަމަށް އެ ގައުމުގެ ގިނަ ރައްޔިތުން މިހާރު ގަބޫލުކުރަމުންދާކަމަށް އީރާނުގެ ނިއުކްލިއަރ މަޝްވަރާތަކުގައި ބައިވެރިވާ ތެހެރާން ޔުނިވަސިޓީގެ ޕްރޮފެސަރ އަދި އެ ޓީމުގެ ކުރީގެ މުޝީރެއް ކަމަށްވާ ޕްރޮފެސަރ ސައްޔިދު މުހައްމަދު މަރަންދީ ވިދާޅުވެއްޖެއެވެ.

ދާދިފަހުން "މައިޑަސްޓަޗް" ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި މަރަންދީ ވިދާޅުވީ، އީރާނުގެ އާންމު ރައްޔިތުންގެ ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން، އޭނާ ދިރާސާކުރެއްވި ޚިޔާލު ހޯދުމުގެ ސަވޭތަކުން ދައްކާ ގޮތުގައި، މި ފަހުގެ ހަމަނުޖެހުންތަކުގެ ކުރިން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ތާއީދުކުރީ އީރާނުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކަމަށްވީ ނަމަވެސް، މިހާރު އެގައުމުގެ އާބާދީގެ ބޮޑު އަޣުލަބިއްޔަތަކުން އީރާނުގައި ނިއުކްލިއަރ ހަތިޔާރު ހުންނަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ މަޝްވަރާ ޓީމުތަކާއެކު މަސައްކަތްކުރައްވާ ތެހެރާން ޔުނިވަސިޓީގެ އިންގްލިޝް ލިޓަރޭޗަރ އެންޑް އޮރިއެންޓަލިޒަމްގެ ޕްރޮފެސަރ މަރަންދީ އިތުރަށް ވިދާޅުވީ، ޓްރަމްޕް ދެއްވާ އިންޒާރުތަކާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ނުކުމެފައިވަނީ އެމެރިކާއިން ހާސިލުކުރަން ބޭނުންވި ނަތީޖާއާ މުޅިން އިދިކޮޅު ނަތީޖާއެއް ކަމަށެވެ. އަދި އީރާނު ސަރުކާރުގެ މަސްއޫލުވެރިންނާއި އެ ގައުމުގެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) އީރާނަށް ނިއުކްލިއަރ ހަތިޔާރު ބޭނުންނުވާ ކަމަށް ވިދާޅުވަމުންދިޔަ ނަމަވެސް، އެގައުމުގެ އާންމު ރައްޔިތުންގެ ވިސްނުން މިހާރު ބަދަލުވެފައިވަނީ އެއާ މުޅީން އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމީ ހައިސިއްޔަތުން އަދިވެސް ނިއުކްލިއަރ ހަތިޔާރާ ދެކޮޅަށް އޮތް ނަމަވެސް، "ޓްރަމްޕް އަމިއްލައަށް ކުރެއްވި ކަންކަމުގެ ސަބަބުން، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން މުހިންމުކަން އީރާނުގެ ގިނަ މީހުންނަށް މިހާރު ގަބޫލުކުރެވިއްޖެ،" ކަމަށް މަރަންދީ ވިދާޅުވިއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން އެކި ފަހަރު މަތިން އަބަދުވެސް ބުނަމުން ގޮސްފައިވަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ކަމެއް ކަމަށާއި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ ދީނީ ފަތުވާތަކުން ހަރާމްކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް މަރަންދީގެ މި ދިރާސާތަކުން އެނގެނީ، އެމެރިކާއާއެކު ނުތަނަވަސްކަމާއި ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ރަސްމީ ސިޔާސަތާއި އާންމު ރައްޔިތުންގެ ވިސްނުމާ ދެމެދު އޮތް ފަރަގު ބޮޑުވަމުންދާ ކަމެވެ.

ޕްރޮފެސަރ މަރަންދީ މި ވާހަކަފުޅުތައް ދައްކަވާފައިވަނީ ވޮޝިންގްޓަނާއި ތެހެރާނާ ދެމެދު އެއްބަސްވުމަކަށް އާދެވޭނީ ނިއުކްލިއަރ މައްސަލައަށް ހައްލެއް ހޯދައިގެން ކަމަށްވާތީ، އެ މައްސަލަ އެންމެ މުހިންމު ކަންތަކުގެ ގޮތުގައި އޮތް ހައްސާސް ދަނޑިވަޅެއްގައެވެ.