މެދުއިރުމަތީގެ މުސްތަޤްބަލު ބިނާކުރާއިރު އެމެރިކާއަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، ސަރަޙައްދީ ޤައުމުތަކުގެ މުސްތަޤްބަލު ކަނޑައަޅާނީ އެ ޤައުމުތަކުން އަމިއްލައަށް ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ސެކްރެޓަރީ މުޙުސިން ރޭޒާއީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ތެހެރާނުގައި ޢިރާޤުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުގެ ރައީސް ފާއިޤް ޒައިދާންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރޭޒާއީ ވިދާޅުވީ، އީރާނުން އެދެނީ މިނިވަން އަދި ބާރުވެރި ޢިރާޤެއް އޮތުން ކަމަށެވެ. އަދި ބޭރުގެ ނުފޫޒަކާ ނުލައި ސަރަޙައްދީ ޤައުމުތަކަށް އަމިއްލަ މުސްތަޤްބަލު ކަނޑައެޅުމުގެ ފުރުޞަތު ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އީރާނާއި ޢިރާޤު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އިރާނާ ދެކޮޅު ޖަމާޢަތްތަކުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށްވެސް ރޭޒާއީ ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢިރާޤުގެ ޝަރުޢީ ދާއިރާގެ އިސް ވެރިޔާ ފާއިޤް ޒައިދާން ވަނީ އިރާނުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އިސްލާމީ އިންޤިލާބީ ލީޑަރު އާޔަތުއްﷲ ސައްޔިދު މުޖްތަބާ ޙުސައިނީ ޚާމަނާއީއަށް ޢިރާޤުގެ ވެރިންގެ ފަރާތްޕުޅުން ރަސްމީ ސަލާމް ރައްދުކުރައްވާފައެވެ. އަދި އަވަހާރަކޮށްލެވިފައިވާ ކޮމާންޑަރުން ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޤާސިމް ސުލައިމާނީ އާއި އަބޫ މަހްދީ އަލްމުހަންދިސްގެ ހަނދާންތައް އާކުރައްވައި، ދެ ޤައުމުގެ ގުޅޭ ބޯޑަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި ސަރަޙައްދީ އެއްބާރުލުން ބަދަހިކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މުހިންމު ނުކުތާތައް

  • އެމެރިކާގެ ނުފޫޒާ ދެކޮޅުހެދުން: މުޙުސިން ރޭޒާއީ ވަނީ މެދުއިރުމަތީގެ މުސްތަޤްބަލުގައި އެމެރިކާއަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، ސަރަޙައްދީ ޤައުމުތަކުގެ މުސްތަޤްބަލު ނިންމާނީ އެ ޤައުމުތަކުން އަމިއްލައަށް ކަމަށް ވިދާޅުވެފަ.
  • ބޯޑަރުގެ ސަލާމަތީ މައްސަލަތައް: އީރާނާއި ޢިރާޤު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އިރާނާ ދެކޮޅު ޖަމާޢަތްތަކުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް އިރާނުން ވަނީ އެދިފައި.
  • ދެ ޤައުމުގެ ގުޅުން: ފާއިޤް ޒައިދާން ވަނީ އީރާނުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ޤާސިމް ސުލައިމާނީއާއި އަބޫ މަހްދީ އަލްމުހަންދިސްގެ ހަނދާންތައް އާކުރައްވާފައި