އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން އުދުވާނީ ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 8 މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއާއި މެޑިކަލް މަސްދަރުތަކާ ހަވާލާދީ، 26 އޯގަސްޓު 2026ގައި އެ ސަރަހައްދުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން ވަނީ ޚާން ޔޫނިސްގެ އަލް-މަވާސީގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ޓެންޓަކަށް ވައިގެ ހަމަލާއެއް ދީފައެވެ.

ނާސިރު ހޮސްޕިޓަލުގެ މަސްދަރަކުން ހާމަކުރި ގޮތުގައި އެ ހަމަލާގައި އެކަކު ޝަހީދުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން، އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ބަނޑުބޮޑު އަންހެނަކު ޒަޚަމްވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 10 މީހުން ވަނީ ޒަޚަމްވެފައެވެ.

އޮކްޓޫބަރު 2023ގައި އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ފެށި ނަސްލުނައްތާލުމުގެ ގަތުލުއާންމުގައި މިހާތަނަށް ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 73,438 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު ވަނީ 174,447 އަށް އުފުލިފައެވެ.